ކްލަބު ވޯލްޑް ކަޕް ކާމިޔާބުކުރުމުން ޗެލްސީގެ ކުޅުންތެރިންނަށް ދޭ ބޯނަސް ފައިސާއިން، ލިވަޕޫލަށް ކުޅުނު ޑިއޭގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާއަށް ބައެއް އަޅަން އެ ކްލަބުން ނިންމާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ޗެލްސީން ކްލަބު ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ކޮންމެ ކުޅުންތެރިއަކަށް ފަސް ލައްކަ ޕައުންޑް ދޭން ނިންމާފައިވާއިރު، ޖުމުލަ 15.5 މިލިއަން ޕައުންޑްގެ ފައިސާއެއް އެ ކްލަބުން ބަހަން ނިންމާފައިވެއެވެ.
މި ފައިސާގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް ދޭން ނިންމާފައިވާ އަދަދު، ޖޮޓާ އާއި އޭނާގެ ކޮއްކޮއަށްވެސް ދޭން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ޖޮޓާ އާއި އޭނާގެ ކޮއްކޮ ސިލްވާ ދުނިޔެ ދޫކޮށްފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ސްޕެއިންގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ. އެއީ ޖޮޓާ އޭނާގެ ކައިވެނީގެ ޗުއްޓީ ނިންމާލުމަށްފަހު، ލިވަޕޫލަށް އެނބުރި ދިޔުމުގެ ތެރޭގައެވެ.
އެ ދެބެއިން އެކްސިޑެންޓުވީ، މައިނާ ސާޖަރީއެއްގެ ސަބަބުން މަތިން ދަތުރުކުރުމަށް ޑޮކްޓަރު ހުއްދަ ދީފައި ނުވާތީ، ލަމްބޯގިނީއެއްގައި އިނގިރޭސިވިލާތަށް ދާން ދިޔަ މަގުމަތީގައެވެ.
ކްލަބު ވޯލްޑް ކަޕް ތެރެއިންވެސް ޗެލްސީން ވަނީ ޖޮޓާ އާއި އޭނާގެ ކޮއްކޮއަށް ހާއްސަ ޓްރިބިއުޓެއް ދީފައެވެ. ޚާއްސަކޮށް ޗެލްސީއަށް ކުޅެމުންދާ ޕެޑްރޯ ނެޓޯއަކީ ޖޮޓާގެ ގާތް އެކުވެރިއެއް ކަމަށްވެފައި، އެ ދެ ކުޅުންތެރިން ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް އެކުގައި ކުޅެފައެވެ.
މި ނިންމުމަކީ ޗެލްސީން ޖޮޓާ އާއި އޭނާގެ ކޮއްކޮގެ އާއިލާއަށް ދެއްކި އިޙްތިރާމެއްގެ ގޮތުގައި ފުޓުބޯޅަ ފޭނުން ފާހަގަކުރެއެވެ.




