ޗެލެންޖާ ކުރިމަތިލައިފިނަމަ ލިބޭ ކުރިއެރުން ބޮޑުވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެއް ހަފުތާގެ މުއްދަތަށް މިނިސްޓްރީގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގި ”ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް“ ނިންމުމަށް އިއްޔެ ހަވީރު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީ ކަމަށެވެ.
”މާކުރިން ހުންއަންނާނެ ކަމަށް ރަޖާލައިގެން ތިބުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުނުކުރެވޭ. އަބަދުވެސް ރަނގަޅަށް މަސައްކަތްކުރާ މީހުންނަށް އެ ފުރުޞަތުތައް މެދުނުކެނޑި އަންނަނީ ލިބެމުން“ މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެ ކަންކަން އެ މުވައްޒަފެއްގެ މައްޗަށް ހުންނަވާ ސްޕަވައިޒަރުން ވަރަށް ރަނގަޅަށް ބަލައިގަންނަ ކަމަށާއި އަބަދުވެސް ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ބަދަލަކީ ނުވަތަ ބަދަލެއް ގެނައުމަކީ ގިނަ ބަޔަކު އެހައި ޤަބޫލުކުރެވޭ ކަމެއްކަމަށް ނުވިޔަސް އެއީ ވަރަށް މުހިންމު ކަމެއް“ ކަމުގައި ވިދާޅުވެ އަމިއްލަފުޅު ތަޖުރިބާތަކުން ބައެއް ވާހަކަތައް މިނިސްޓަރ ހިއްސާކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކުގައި މަސައްކަތްކުރައްވާ ވެރިންގެ ލަފައާ އެއްގޮތަށް މަސައްކަތްކުރެވުނީމަ ކުރިއެރުންތަކެއް ލިބިގެން އަންނަކަމުގެ އިޙްސާސްތައްކުރެވުނު ކަމަށެވެ.
އަދި އަންނަ ކޮންމެ ބަދަލަކަށް އަމިއްލައަށް ތައްޔާރުވެ އެ ޗެލެންޖާ ކުރިމަތިލައިފި ނަމަ ޙަޤީޤަތުގައި ތިމާއަށް ލިބޭ ކުރިއެރުން ބޮޑުވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އަބަދު އެއް ތަނެއްގައި އެއް ކަމެއްކުރަން ހުރުމުގެ ބަދަލުގައި ލިބޭ ފުރުޞަތާ، އެ ލިބޭ ތަމްރީނުތަކުގެ އެހީގައި ތިމާއަށް ލިބޭ ކުރިއެރުންތައް ބޮޑުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




