ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މޯލްޑިވްސް މެޑިކަލް ކޮންފަރެންސް މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ ”ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއަރ“އެވެ.
މިއީ ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާތީ، އެމީހުންނަށް ދެވޭ ފަރުވާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
މިގޮތުން މި ކޮންފަރެންސްގައި އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ މަޝްވަރާތައް ކުރާނެއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މި ކޮންފަރެންސް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. އަހުމަދު ރަޝީދު ވަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވާނެ ކަމަށް ލަފާކޮށްފައި ވާތީ އެ ފަދަ ބަދަލުތަކަށް ރާއްޖެއިން ކުރިން ތައްޔާރުވެތިބުން މުހިންމުކަން ފާހަގަކުރައްވާފައެވެ.




