ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާ ކުރި މަނަވަރު ”ދަރުމަވަންތަ“ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ މިރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
އެ މަނަވަރު ހަވާލުކުރުމަށް މިރޭ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްްމަދު މުއިއްޒާއި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ
އެ ރަސްމިއްޔާތުގައި ތުރުކީން ރާއްޖެއަށް ހަދިޔާކުރި އެ އުޅަނދު ރާއްޖެއަށް ހަވާލުކޮށްދެއްވީ ތުރުކީ ވިލާތުގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރު ޔިލްޑިޒެވެ. މި އުޅަނދާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ.
މި މަނަވަރު އޮޕަރޭޓް ކުރުމަށް ތުރުކީ ވިލާތުގައި ދިވެހި ސިފައިން ވަނީ ތަމްރީނުކޮށްފައެވެ. މި މަނަވަރުގައި 76 މިލިމީޓަރު އޮޓޯމެލޯރާ ބަޑިއާއި 35 މިލިމީޓަރުގެ ޓްވިން ބެރަލް އޮލިކަން އެންޓި ކްރާފްޓް ބަޑި ހަރު ކުރެވިފައި ވެއެވެ.
މީގެ އިތުރުން މިއީ ވެޕަން މެނޭޖްމެންޓް ސިސްޓަމްތަކާއި، ފަޔާ ކޮންޓްރޯލް ރާޑަރާއެކު އިންޓަގްރޭޓް ކުރެވި، ޒަމާނީ ވަސީލަތްތައް ގާއިމް ކުރެވިފައިވާ މަނަވަރެކެވެ.



