މާލީ ދާއިރާ ހަރުދަނާ ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އާއި ސީއޭ މޯލްޑިވްސް ގުޅިގެން ދާއިރާގެ މައުލޫމާތު އާންމުންނަށް ހިއްސާކޮށް ގަވާއިދުތައް އެކުލަވައިލާނެއެވެ.
ހަމައެހެންމެ ދާއިރާގެ ފަންނުވެރީންގެ ގާބިލުކަން އިތުރުކުރުމާއެކު އެކައުންޓިން އަދި އޮޑިޓިން ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ވެސް މަސައްކަތް ކުރާނެއެވެ.
ބީއެމްއެލް އިން ބުނީ މި އެއްބަސްވުމަކީ މުޅި ގައުމުގައި އެކައުންޓިން އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން ކަމަށްވެސް ބީއެމްއެލް އިން ހާމަކުރެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ މަޤްސަދަކީ އެކައުންޓިންނާއި މާލީ ދާއިރާގައި ހުނަރާއި، މައުލޫމާތާއި އަހުލާގީ މިންގަނޑުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމާއެކު ދެ މުއައްސަސާއަށާއި ރާއްޖޭގެ އިގްތިސާދަށް ދުރު މުސްތަގްބަލަކަށް ފައިދާ ހޯދައިދިނުން ކަމަށްވެސް ބީއެމްއެލް އިން ހާމަކުރެއެވެ.




