”އަވަށްޓެރި މޫދުމަހާ ސަމާ“ ގެ ނަމުގައި ފުލުހުންގެ ފަރާތުން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު ރަސްފަންނުގައި ކުރިއަށްގެންދިޔަ އެ ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އަދި އެއީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި މާލެ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
އެ ހަރަކާތުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ފުލުހުންނާއި، އާންމު ރައްޔިތުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައި ވެއެވެ.
މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި މާލެ ޕޮލިސް ހެޑް އެސިސްޓެންޑް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.
ފުލުހުން ބުނީ މި ހަރަކާތަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށް، އެއްބަޔަކު އަނެއްބަޔަކަށް ދެކެފަރިތަވެ އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތުކުރުމަކީ މުހިންމު ކަމެއްކަން ބުނެދީ އުފާވެރި މާހައުލެއްގައި އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ މަގުފަހިކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
އަދި މިއީ ފުލުހުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް މުޖުތަމައުގައި ހިނގާ ކުށްތަކާއި، ނޭދެވޭ ކަންކަމާ ގުޅޭގޮތުން، ހުޅުވާލެވިފައިވާ އެކުވެރި މާހައުލެއްގައި މައުލޫމާތު ދިނުމަށް މަގުފަހި ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުން ބުނެއެވެ.
ކުޑަކުދިންނަށް ފުލުހުންގެ ފަރާތުން މުޖުތަމައުގައި ރައްކާތެރިކަން ލިބިފައިވާކަން އަންގައިދިނުމާއެކު، ފުލުހުންނަކީ އެކުވެރިކަމާއި އޯގާތެރިކަމާއެކު ކުދިންނަށް ރައްކާތެރިކަން ގާއިމުކޮށްދޭނެ ބައެއްކަން އުފާވެރި މާހައުލެއްގެ ތެރެއިން އެ ކުދިންނަށްް އިހުސާސްކޮށްދިނުން ވެސް މި ހަރަކާތް ކުރިއަށް ގެންދިއުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ފުުލުުހުން ބުނެއެވެ.
އެގޮތުން މި ހަރަކާތުގައި، މޫދާއި އެއްގަމުގެ ތަފާތު ކުޅިވަރުތަކާއި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
“ހާއްސަ ގޮތެއްގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ ގޮތް އިސްރަށްވެހިންނަށް ބުނެދީ، މޫދު ކަސްރަތުގެ ހާއްސަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައި“ ފުލުހުން ބުނެފައި ވެއެވެ.
ހަމައެހެންމެ ކުޑަކުދިންނަށް ހާއްސަކޮށް މޫދުގެ ތަފާތު ކުޅިވަރުތަކާއި ބެލެނިވެރިންނާއި ޒުވާނުންނަށް ވެސް ހޭލުންތެރިކުރުމުގެ މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން، ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މި ހަރަކާތުގައި ހެލްތު ސްކްރީންކުރުމާއި ޑެންޓަލް ހެލްތު ސްކްރީންކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ގިނަ އަދަދެއްގެ ބަޔަކު އެ ހިދުމަތްތަކުގެ ބޭނުން ހިފާފައިވާ ކަމަށް ފުުލުހުން ބުނެއެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މެޑްޓެކް، އެމް7، ނިއުލެގޫންސް، އައިލެންޑް ބެވަރޭޖް އަދި އުރީދޫގެ ފަރާތުން އެހީ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.


