އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަންގެ ފުރަތަމަ މެޗުން މެންޗެސްޓަރ ޔުނައިޓެޑް އާސެނަލް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗުގައި އާސެނަލްގެ ލަނޑު ކާމިޔާބުކޮށް ދިނީ ރިކާޑޯ ކަލަފިއޯރީއެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ކަލަފިއޯރީ ވަނީ އާސެނަލަށް ލީޑު ނަގައިދީފައެވެ. މިލަނޑަށް ފަހު މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ޔުނައިޓެޑުން ގިނަ މަސައްކަތްތަކެއް ކުރިއެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފުލްބެކް ޕެޓްރިކް ޑޯގޫ އަދި މަޓެއުސް ކުންޔާ މެދުވެރިކޮށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރަޔާގެ މޮޅު ސޭވްތަކާއެކު އެ ފުރުސަތުތައް ބޭކާރުވެގެން ދިޔައެވެ. ދެވަނަ ހާފުގައިވެސް ކުންޔާގެ ބޯޅަ ހެޑިންގ އެއް ރަޔާ ވަނީ މަތަކޮށްފައެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ތެރެއިން ޗެލްސީ އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި ނޮޓިންހަމް ފޮރެސްޓް ވަނީ ބްރެންޓްފޯޑް 3-1 އިން ބަލިކޮށްފައެވެ. މި މެޗުގައި ލަނޑު ޖަހައިދިނީ ކްރިސް ވުޑް އަދި ޑޭން އެވެ.
ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުން އިގޯ ތިއާގޯއެވެ.


