ނަފްސާނީ ފަރުވާއަށް ބޭނުންވާ ބޭސް އެސްޓީއޯ މެދުވެރިކޮށް ގެންނަން ނިންމައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ ނަފްސާނީ ބޭސް ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެރިން ހާޒިރުކޮށް ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގައި އެމްއެފްޑީއޭ އިންނެވެ.
އެ ބައްދަލުކުރެއްވުމުގައި އެމްއެފްޑީއޭއިން ވަނީ ނަފުސާނީ ފަރުވާއަށް ބޭނުންވާ ބޭސް ލިބުމުގައި ހުރި މައްސަލަތައް ހައްލުކޮށް، އެސްޓީއޯ މެދުވެރިކޮށް އެފަދަ ބޭސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
އެގޮތުން އެ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ސީނިއަރ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ ނަފުސާނީ ބަލި ހުންނަ ފަރާތްތަކަށް ދޭ ބޭހަކީ މިހާރު ނެޝަނަލް އެސެންޝަލް މެޑިސިންއެއްގެ ގޮތުގައި ލިސްޓުކުރެވިފައިވާ ކަމަށެވެ.
“އެ ލިސްޓުގައި ހިމަނާފައިވާ ބޭސްތައް ބޭސްފިހާރަތަކުގައި ލިބޭގޮތަށް ހުރުން މިހާރު ވަނީ ލާޒިމްކޮށްފައި“ ޖަލީލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލީލާ ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބަލާއިރު 5 ބޭހެއް ފިޔަވައި އެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްވެސް އެސްޓީއޯއިން އެތެރެކޮށްފައިވާ ކަމަށެވެ.
“އެ 5 ބޭހަކީ ބޭރުގެ އެހެން ގައުމުތަކުންވެސް ލިބުމުގައި ދަތިތަކެއް ހުރި ބޭސްތަކެއް“ އޭނާ ވިދާޅުވިއެވެ.
ޖަލީލާ ވިދާޅުވީ އެ ބޭސްތައް ގަތުމުގެ މަސައްކަތް އެސްޓީއޯއިން ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ސަޕްލައިކޮށްދޭނެ ބައެއް އަދި ނުވާ ކަމަށް ޖަލީލާ ވިދާޅުވިއެވެ.



