ފުވައްމުލައް ސިޓީގައި ފުލުހުންގެ ޚިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރަން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި މަޝްވަރާކޮށްފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފުލުހުން ބުނީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކަންކަން ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
“މިހާރަށްވުރެ ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި“ ފުލުހުން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލް ރަފީގްގެ އިތުރުން ކައުންސިލްގެ އިސް ބޭފުޅުންނާއި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިސް ބޭފުޅުން ބައިވެރިވެފައިވެއެވެ.


