އުމުރުން 75 އަހަރު ފުުރުމާއި ހަމައަށް ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރުމުގެ މަގުފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
”ރީ-އެމްޕްލޯއިމަންޓްގެ ބިލު“ގެ ނަމުގައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދެވެ.
ރީ-އެމްޕްލޯއިމަންޓްގެ ބިލުގައިވާގޮތުން އެއާއެއްގޮތަށް ވަޒީފާ ދޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބެން އެދޭ ފަރާތްތަކަށެވެ.
އަދި އެ އުސޫލުގެ ދަށުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް އެ ބިލުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ މި އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބޭނެ ކަމަށާއި ނަމަވެސް ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.
އެ ބިލުގައިވާގޮތުން އުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި ދެމިތިބެން ބޭނުންވާ ފަރާތްތަކުން 65 އަހަރު ފުރުމުގެ ހަ މަސް ދުވަސްކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއްނަމަ އެ ޤާނޫނަށް އަމަލުކުރަންފަށާތާ 4 މަސް ދުވަހުގެ ތެރޭގައި ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައި ވެއެވެ.
މި ބިލު ދިރާސާކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.
މި ބިލު ޤާނޫނަކަށްވީނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނާއި ޤާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އެ ޤާނޫނެއް ނުހިނގާނެއެވެ.



