އއ.ހިމަންދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
ރައީސް ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުއްވައިދެއްވީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގައި އިދާރީ ބަޔާއި، މަލްޓިޕާޕޮސް ހޯލަކާއި، ލޯންޑްރީ އަދި ގަރާޖެއް ހިމެނޭއިރު، މެޑިކަލް އަދި ނޮން-މެޑިކަލް ތަކެތި ރައްކާކުރުމަށް ވަކި ޖާގައެއް ޚާއްސަކުރެވިފައިވާ ކަމަށެވެ.
އަދި އެ އިމާރާތުގައި ޕަބްލިކު ހެލްތަށް ވަކި ބައެއްވެސް ވަނީ ޚާއްސަކުރެވިފައި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން އެ އޮފީސްބައިން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކާއި، ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއްގެ އިތުރުން އަދި މާބަނޑު މީހުންގެ ކްލިނިކާއި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކެއް ޤާއިމުކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.



