އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ރައްކާތެރި މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ މުނާސަބަތުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މިއަދު އިންސާނިއްޔާތުކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ހިއްވަރާއެކު ހަނގުރާމަތަކާއި ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އެކު ރާއްޖެއިން ތިބި ކަމަށެވެ.
“އެ ފަރާތްތަކުން އިންސާނިއްޔަތަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ވަމުންދާ ޤުރުބާނީ އަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަ ޤާއިމް ކުރުމަށާއި އިންސާފަށް ލިބޭ ބާރެއް“ ރައީސް ވިދާޅުވިއެވެ
އަދި އިންސާނިއްޔަތުކަމުގެ ދުވަސް ފާހަގަކުރާއިރު ޢައްޒާއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތައް ފާހަގަކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިގޮތުން އެފަރާތްތަކަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް އިންސާނީ އެހީ ފޯރުކޮށްދެވޭކަން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.


