ކުށްކުރާ 18 އަހަރު ނުފުރޭ ކުދިންގެ ގްރޫޕްތައް އަންނަނީ އިތުރުވަމުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުވަހުން ދުވަހަށް ފުލުހުން ކުރާ އާންމު ޕެޓްރޯލިން އާއި ތަފާސްހިސާބުތައް ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
“މިކަމުގެ ސަބަބުން ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އަދި އެއީ ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ ރައްކާތެރި ނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެ އެ ކަހަލަ މާހައުލުތަކުގައި އާންމުކޮށް އުޅޭ ކުދިންނަށް ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި މައިންބަފައިންނާއި ނުރުހުންވެ ފިލައިގެން ގެއިން ނުކުތުމާއި މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅުމާއި އެ ނޫން ވެސް ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވާކަން ފާހަގަކުރެވޭ“ ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން މި ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭ ގޮތުން އެ ކުދިންނާ އެކު ވާހަކަދައްކައި މަޝްވަރާކުރުމަށް ފުލުހުންގެ ބަޔާނުގައި ވަނީ އެދިފައެވެ.
ހަމައެހެންމެ ފުލުހުން ބުނީ ގުރޫޕް ހަދައިގެން ކުށްކުރާ ކަމަށް ފާހަގަކުރެވޭ އެ ސަރަހައްދުތަކަށް އަމާޒު ކޮށްގެން ސްޕޮޓް ޗެކް ކުރުމާއި ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓާކޮށް، ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މައިންބަފައިންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ދައުލަތާއި މުޖުތަމައުގެ ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ވަނީ މިކަހަލަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓްގެ ނަންބަރު 9770640 އަށް ގުޅަން އެދިފައެވެ.



