މިި އަހަރުގެ މެއި ޖޫންގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ 19 އޮގަސްޓު 2025 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން ލިބޭނެ ކަމަށެވެ.
އަދި އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެ ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 1:30 ޑީޕީއީން ދޫކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުން ކަމަށްވެސް ޑީޕީއީ އިން ބުނެފައި ވެއެވެ. މީގެ އިތުރުން ބަދަލުގައި މީހަކު ފޮނުވާނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހޭނެ ކަމަށްވެސް ޑީޕީއީ އިން ބުނެފައި ވެއެވެ.
މިފަހަރުގެ އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށް ގެންގޮސްފައިވާއިރު އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8362 ދަރިވަރަކު ބައިވެރިވެފައި ވެއެވެ.




