އއ. މާޅޮހު ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމަށްޓަކައި މުޅިން އައު އިމާރާތެއްގެ މަސައްކަތް މި އަހަރު ފަށަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ އެ ރަށުގެ ޞިއްހީ މަރުކަޒުގައި ބަލިމީހުންނަށް ޚިދުމަތްދެމުންދާ އިމާރާތަކީ ވަރަށް ދުވަސްވެ ވީރާނާވެފައިވާ އިމާރާތެއްކަން ފާހަގަކުރައްވާފައެވެ.
“މި އަހަރުގެ ތެރޭގައި ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކުރެވޭނެ. އެ މަޝްރޫޢު ކުރިއަށްގެންދާއިރު ލެބޯޓްރީގެ ޚިދުމަތް ވެސް ފުރިހަމަވެގެންދާނެ“ ރައީސް ވިދާޅުވިއެވެ.
މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ރަށުގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްޤީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދިވަޑައިގަންނަވާގޮތަކަށް މަޝްރޫޢު ނިންމަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައިސް ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާފަރާތްތަކާއި ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫޢެއް ކުރިއަށް ގެންދެވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ހަމައެހެންމެ އަރިއަތޮޅު ރަންފަރު މާޅޮހުގެ އިޙުތިސާސްގެ ތެރޭގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ރައިސުލްޖުމުހޫރިއްޔާ ވިދާޅުވީ، ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ އިޤްތިޞާދީ ފައިދާ ހޯދުމަށް އެފަޅުގެ ބޭނުން ފުޅާދާއިރާއެއްގައި ހިފުމުގެ ފުރުޞަތު ރައްޔިތުންނަށް މިހާރު އެބައޮތް ކަމަށެވެ. ރައްޔިތުންނާ މަޝްވަރާކޮށްގެން، ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅައިގެން، ރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަން ބޭނުންވާ ކޮންމެ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.




