އއ. ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
ފެރިދޫ ސިއްޙީ މަރުކަޒަކީ 2003 ވަނަ އަހަރުން ފެށިގެން ރަށުގެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ މަރުކަޒެކެވެ. މި މަރުކަޒުން ބަލިމީހުން ބެލުމާއި، އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާގެ އިތުރުން އިދާރީ މަސައްކަތްތައްވެސް ކުރަމުން އަންނަނީ އެންމެ އިމާރާތެއްގައެވެ.
ނަމަވެސް 2023 ވަނަ އަހަރު ތެރޭގައި އިތުރު އިމާރާތެއް މި މަރުކަޒަށް އިތުރުކުރެވިފައިވެއެވެ.
ދުވާލެއްގެ މައްޗަށް 16 ގަޑިއިރު ޚިދުމަތް ދެމުންދާ މި މަރުކަޒުން އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 4،000 އަށްވުރެ ގިނަ ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ.


