ތޮއްޑޫއަށް ސީޕްލޭން އޮޕަރޭޓުކުރުމުގެ ޚިދުމަތާއެކު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ތޮއްޑޫގައި މިހާރު މަސައްކަތް ކުރިއަށްދާ ތިރީސް އެނދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ތޮއްޑޫގައި ކުރިއަށްދާ ތިރީސް އެނދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައި.ސީ.ޔޫ ހިމެނުމުގެ ފުރުޞަތު އެބައޮތް ކަމަށް ހެލްތު މިނިސްޓްރީގެ ކަމުގެ ފަންނީ ބޭފުޅުން ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ.
ތޮއްޑޫއަކީ ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ރަށެއްކަން ފާހަގަކުރައްވައި، ރަށުގެ އިގްތިޞާދީ ތަރައްޤީއަށް ސަރުކާރުން އިތުރަށް ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން، ތޮއްޑޫއަށް ޚާއްޞަ ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށްދެއްވައި އަންނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށާނެކަން ރައީސުލްމުޖްހޫރިއްޔާ މިއަދު އިއުލާންކުރެއްވިއެވެ.
ގައު އަތުރައިގެން ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ހުރިހާކަމެއް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމަވައި ދެއްވާނެ ކަމަށެވެ.
ހަމައެހެންމެ ތޮއްޑޫ ސްކޫލްގެ ޢުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމާއި ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން ތޮއްޑޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ.
ރައީސް ވަނީ މި މަޝްރޫޢުތަކުގެ މަސައްކަތް، ވަރަށް އިސްކަންދެއްވައިގެން ހަލުވިކަމާއި އެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ތޮއްޑޫއަކީ ދަޑުވެރިކަމަށް ޚާއްޞަ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސް، އުފައްދަވައި އެ ފެކަލްޓީ ގެ އިމާރާތް ޤާއިމްކުރުމުގެ މަޝްރޫޢުވެސް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.
މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭ.ޓީ.އެމް ޚިދުމަތް އިފުތިތާހުކުރައްވައި ތޮއްޑޫ ބީއެމްއެލް ބްރާންޗްގެ ބިންގާއަޅުއްވާފައެވެ.
މީގެ އިތުރުން މިއަދު ވަނީ، ތޮއްޑޫގައި އަޅާ ފުލުހުންގެ އިދާރާއާއި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާވެސް އަޅާފައެވެ.



