ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) ގެ ޗެއާޕާސަންގެ މަގާމަށް މުހައްމަދު ޝާމީ އާދަމް، އައްޔަންކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.
ޕީސީބީން މިހެން ބުނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެެވެ.
ޕީސީބީން ކުރި ޕޯސްޓުގައި ބުނީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް – އާރުޑިސީގެ ބޯޑު މެމްބަރުކަމަށާއި އަދި ޗެއަރޕާސަންގެ މަޤާމަށް، މ. އެމޭޒަން، މުޙައްމަދު ޝާމީ އާދަމް ވަނީ އައްޔަނުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްޑީސީގެ ޗެއާ ޕާސަންގެ މަގާމަށް އައްޔަނުކުރި ޝާމީ އެ މަގާމުން ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.
އެ މަޤާމަށް އައްޔަނު ކުރައްވާފައިވާ ޝާމީ އަކީ ސޭފްޓީ އެންޑް ސެކިއުރިޓީ، ސްކޫބާ ޑައިވިން، ބޯޓް އޮޕަރޭޝަންސް އެންޑް މެނޭޖްމަންޓް، ފިޝަރީޒް މެނޭޖްމަންޓް، ރިސްކް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޓްރެއިނިން މެނޭޖްމަންޓް އަދި އޯވަރޯލް ބިޒްނަސް އެކްޓިވިޓީސް ބެލެހެއްޓުން ފަދަ ދާއިރާތަކުން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.



