ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމައި, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ.
އެ ކުންފުންޏާއެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 10 އޭޕްރިލް 2025 ގައެވެ.
އެމްއޭސީއެލް އިން ބުނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މިއަދު ހަވާލުކޮށްފައި ވަނީ ޝެޑިއުލްއަށްވުރެ 84 ދުވަސް ކުރިން ކަމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލް އިން ވަނީ ބީޔޫސީޖީއާ ހަވާލުކޮށްފައެވެ.
އެ ލިޔުން އެމްއޭސީއެލްގެ ފަރާތުން ބީޔޫސީޖީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ. ބީޔޫސީޖީގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު އާއި އެމްއޭސީއެލްގެ ބޯޑް މެންބަރުންނާއި އެގްޒެކެޓިވް ކޮމިޓީ މެންބަރުންގެ އިތުރުން ބީޔޫސީޖީ އިންޓަނޭޝަނަލްގެ ފަރާތުން ޒަންގް ފެންގްލިން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ފާތިމަތު ރާމިޒާ އާއި މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްގެގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއާޕާސަން ނޫރައިން ވިދާޅުވީ ޓެކްސީވޭ ޗާލީ ތަރައްގީކުރުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސަފުހާއެއް ކަމަށެވެ.
“އެ މަޝްރޫއު ނިމުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިނަކަށް ފަސޭހަތަކެއް ލިބިގެންދާނެ“ ނޫރައިން ވިދާޅުވިއެވެ.
ނޫރައިން އިތުރަށް ވިދާޅުވީ, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގައި ބީޔޫސީޖީއަކީ މުހިންމު އަދި އިތުބާރު ކުރެވޭ ބައިވެރިއެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެ ކުންފުންޏަށް ޗެއާޕާސަން ނޫރައިން ޝުކުރު އަދާކުރެއްވިއެވެ.
3200 މީޓަރު ދިގު ޓެކްސީވޭ-ޗާލީ އަކީ 1976 ވަނަ އަހަރު ހެދި, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް ތަރައްގީ ކުރީ 1981 ވަނަ އަހަރުއެވެ. އެއަށްފަހު ރަންވޭ ދިގުކޮށް, އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެއެވެ.
ހާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭ ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަން ޖެހުނެވެ.
މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022ގައެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ހުޅުވުމުންނެވެ.



