ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާ ލިޔެފައި ހުރި ޝިއާރުތަކެއް މަތީ ދިވެހި ފިލްމު ”ކަނބުލޮ“ ގެ ޕޯސްޓަރުތަކެއް ހިއްޕި މައްސަލައެއް ހޫނުވެއްޖެއެވެ.
މި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
މިކަމާ ނުރުހުން ފާޅު ކުރަމުން މުހައްމަދު ސަމާހު ނަމަކަށް ކިޔާ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިއީ މިކަން ހިނގި ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ.

ސަމާހު ބުނީ މީގެ ކުރިންވެސް ’ސެޓާރން ސްޓޫޑިއޯ‘ ގެ ފިލްމެއް ކަމަށްވާ ’ކަމަނަ‘ ގެ ޕޯސްޓަރު ތަކެއްވެސް ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ސްޕްރޭ ކޮށްފައި ހުރި ޝިއާރުތަކެއްގެ މަތީ ވަނީ ހިއްޕާފައެވެ.
ސަމާހު ގެ މި ޕޯސްޓު ޝެއާރ ކޮށް އެތައް ބަޔަކު އަންނަނީ މިކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށް، މި ފިލްމު ބޮއިކޮޓް ކުރާނެ ކަމަށް ބުނަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ޕޯސްޓަރު ހިއްޕާނެ އިތުރު ހުސް ތަންތަން ހުއްޓާ ފަލަސްތީނުގެ ޝިއާރުތައް މަތީ ޕޯސްޓަރު ހިއްޕީ ހަމަ ގަސްތުގައި ކަމަށެވެ.
މިކަމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް ’ކަނބުލޮ‘ ގެ ޓީމުން ވަނީ އާންމުންގެ ކިބައިން މަޢާފަށް އެދި ރަސްމީ ބަޔާނެއްވެސް ނެރިފައެވެ. ބަޔާނުގައި އެ ފިލްމުގެ ޓީމުން ބުނެފައިވަނީ މިކަން ހިނގާފައިވަނީ ފަލަސްތީނަށް އެއްވެސް ނިކަމެތި ކަމެއް ދިނުމުގެ ނިޔަތުގައި ނޫން ކަމަށާއި، މިއީ ޕޯސްޓަރުތައް ހިއްޕި ފަރާތްތަކާއި ފިލްމުގެ ޓީމާއި ދެމެދު ދިމާވި ’ކޮމިއުނިކޭޝަން ގެޕެއް‘ ގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. އަދި ވީހާވެސް އަވަހަށް މި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ސްޓޫޑިއޯ އިން ވަނީ ބުނެފައެވެ.
”ކަނބުލޮ“ ފިލްމު ސްކްރީންތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.



