ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލެޕްޓޮޕްތަކެއް ވަގަށް ނަގައި ވިއްކާލި މީހަކު ނުވަ މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިނގި މި ހާދިސާގައި ދައުވާ ކުރަން ކޯޓަށް ހުށަހަޅާފައި ވަނީ މި އަހަރުގެ ޖުލައި މަހުއެވެ.
އެޗްޑީސީން 5 ލެޕްޓޮޕް ވަގަށް ނަގާފައި ވަނީ ދިވެހި ފިރިހެނެކެވެ.
އެގޮތުން އޭނާ އެ ވައްކަންކޮށްފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމެންޓް އޮފީހަށްވަދެ އެތަނުންނެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ މީހާ ފަސް ލެޕްޓޮޕް ވަގަށް ނަގައި ވިއްކާލާފައި ވަނީ 1700 ރުފިޔާ އަށް ކަމަށެވެ.
އަދި އޭނާ ވަނީ ޝަރީއަތުގައި އެ ލެެޕްޓޮޕްތައް ވަގަށް ނަގައި ވިއްކާލިކަމަށް ޝަރީޢަތުގައި އިއުތިރާފުވެފައި ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެހެންކަމުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ކުރިއަށްގެންގޮސް ކުށަށް އިއުތިރާފުވެފައިވާތީ އަދަބަށް ލުއި ދީގެން ވަނީ މަައްސަލަ ނިންމާފައެވެ.
މިގޮތުން އެ މައްސަލައިގައި އެ ފިރިހެން މީހާގެ މައްޗަށް އިއްވި ހުކުމަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ.



