އަންނަ ނޮވެމްބަރު މަހު ފީފާ ބްރޭކުގެ ތެރޭގައި، އިންޑިއާގެ ކެރަލާގައި މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާނުކޮށްފިއެވެ.
އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ފީފާއިން ނޮވެމްބަރު 10 އިން 18 އަށް ކަނޑައަޅާފައި އޮތް ބްރޭކުގައި، އިންޑިއާގެ ކެރަލާގައި މެޗެއް ކުޅެން ނިންމާފައިވާ ކަމަށެވެ.
މެޗު ކުޅޭނެ ސީދާ ތާރީޚަކާއި މެޗު ކުޅެނީ ކޮން ޓީމަކާ ދެކޮޅަށްކަން އަދި ހާމަނުކުރާ އިރު، މެޗު ކުޅެން ހަމަޖެހިފައިވަނީ ކެރެލާގެ ކޯޗީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ކަމަށް އެ ފެޑެރޭޝަނުން ބުނެފައިވެއެވެ.
ކެރަލާގެ ސްޕޯޓްސް މިނިސްޓަރު، ވީ އަބްދުއްރަހުމާންވެސް ވަނީ، މެސީ ހިމެނޭ ގޮތަށް އާޖެންޓީނާއިން މި އަހަރު ކެރަލާގައި މެޗެއް ކުޅުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިދާޅުވެފައެވެ. މިކަމާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މެޑްރިޑްގައި، އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު، ވީ އަބްދުއްރަހްމާނާއި ކެރަލާގެ ޗީފް މިނިސްޓަރު، ޕިނަޔާރީ ވިޖަޔަން ބައްދަލުކުރެއްވިއެވެ.
މެސީ އިންޑިއާގައި މެޗެއް ކުޅުނު އެންމެ ފަހު ފަހަރަކީ 2011 ވަނަ އަހަރުއެވެ. އެއީ ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި، ވެނެޒުއޭލާއާ އެކު ކުޅުނު އެކުވެރިކަމުގެ މެޗެކެވެ.
އިންޑިއާގެ ފުޓްބޯޅަ ލޯބިވެރިންނަށް އުފާވެރި ޚަބަރެއްގެ ގޮތުގައި، މެސީގެ މެޗުގެ އެއް މަސް ކުރިން، އޮކްޓޫބަރު 22 ވަނަ ދުވަހު، ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރުން އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގެ މެޗެއްގައި ގޯއާއާ ދެކޮޅަށް ކުޅޭނެއެވެ.




