ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް މިއަދު ލިބިއްޖެއެވެ.
އުރީދޫ އަށް މި އިނާމު ލިބިފައި ވަނީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުންނެވެ.
އެ އިނާމު އުރީދޫ އަށް ދީފައި ވަނީ ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ކުންފުންޏަށް އެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި އުރީދޫގެ ފަރާތުން އިނާމާއި ހަވާލުވެލެއްވީ އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް-ޙަމާދީ އެވެ.
އުރީދޫގެ އިތުރުން ނުވަ ބޭފުޅަކަށް މިއަދު ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ވަނީ ލިބިފައެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.


