ރޭ ކުޅުނު ލަލީގާ މެޖުގައި ބާސެލޯނާއިން ފަހަތުން އަރާ ލެވަންޓޭ ބަލިކޮށްފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ބާސާއިން ލެވަންޓޭ ބަލިކުރީ 2-3 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާ އިން ވަނީ މި ފަހަރުގެ ލީގުގައި ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން ފުރަަތަމަ މެޗުން މަޔޯކާ އަތުން މޮޅުވީ 3-0 އިންނެވެ.
ލެވަންޓޭގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ލެވަންޓޭއިން ނިންމާލީ ދެ ލަނޑު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާއިން ވަނީ ލަނޑު ޖަހައި މެޗު އެއްވަރުކޮށްފައެވެ. ބާސެލޯނާ އިން ފުރަތަމަ ލަނޑު ޖެހީ، 49 ވަނަ މިނިޓްގައި ލަމީން ޔަމާލް ދިން ބޯޅައަކުން ޕެޑްރީ އެވެ. ދެވަނަ ލަނޑު ޖެހީ އޭގެ ދެ މިނިޓު ފަހުން ރަފީނިއާ ދިން ބޯޅައަކުން ފެރާން ޓޮރޭޒްއެވެ.
މެޗު އެއްވަރުވާން ދަނިކޮށް ބާސެލޯނާ މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.
މިއީ، ލަމީން ޔަމާލް ނެގި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ލެވާންޓޭގެ އުނާއި އެލްޖެޒަބާލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.



