ހދ. ފިނޭ ސްކޫލް މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ އަތޮޅު ފިނޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ފިނޭގެ މިހާރުގެ ސްކޫލަށް ޖާގަ އިތުރުކުރުމަށް އިތުރު ޖާގަ ނެތުމުން، މަލްޓިޕާޕަސް ހޯލް ތަރައްޤީކޮށްފައި ވަނީ ސްކޫލާ ވަކިން އެހެން ބިމެއްގައިކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން ރައްޔިތުން ވަނީ ސްކޫލް ޖާގަ އޮތްތަނަކަށް ބަދަލުކުރުމަށް ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ފިނޭގެ ރައްޔިތުން ސްކޫލަށް ޖާގަ އޮތްތަނަކަށް ބަދަލުކުރުމަށް އެދޭތީ، އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ފައިސާ ހިމަނައި، ކްލާސްރޫމާއި ވަސީލަތް ޤާއިމްކުރަން ޕްލޭން ކުރާނެ ކަމަށެވެ.
އަދި ފިނޭގެ މަގު ހެދުމަކީވެސް ރިޔާސީ ވަޢުދެއް ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް އާރުޑީސީން ތައްޔާރުވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ފިނޭއަށް އެންމެ މުހިންމު އެއް މަޝްރޫޢަކީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް އެމްޓީސީސީން މިހާރު ފަށައިގެން ކުރިއަށްދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.




