ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފިނޭއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބާރު ދުވެލީގައި ހދ. ފިނޭގައި މިހާރު ކުރިއަށްދާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ގިނަ ބަދަލުތަކެއް ގެނަސްދިނުމަށް ރައްޔިތުން އެދިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ، ރައްޔިތުން އެދިވަޑައިގެންނެވި ބަދަލުތަކުގެ ތެރެއިން، ގެނެވެން އޮތް އެންމެ ގިނަ ބަދަލުތައް ގެންނެވުމަށްފަހުގައިކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ފިނޭގައި މިވަގުތު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫޢަކީ ބަނދަރުގެ މަސައްކަތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މި މަޝްރޫޢަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދިވަޑައިގަންނަވާ ކަމާއި، އޭގެ ތެރޭގައި މުހިންމު ކަންތައްތަކެއް ހިމެނޭކަންވެސް ފާހަގަކުރައްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖުޓުގައި މިކަންކަން ހިމަނުއްވައި، ރައްޔިތުންގެ ހުވަފެންތަކުގައި ވީހާވެސް ރަނގަޅަކަށް ކުލަޖައްސަވައިދެއްވާނެކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ފިނޭއަށް މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ފިނޭގެ ރައްޔިތުންނަށް، ރައީސް ވަނީ ދެއްވާފައެވެ.



