ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށްޓަކާ، ސަރުކާރުގެ އެހީތެރިކަމާއި އެކު އެއަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެއީ ވަރަށް ދުވަސްވެފައިވާ އަދި ޢަމަލީ މަސައްކަތް ފެށިފައިނުވާ މަސައްކަތެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދެއްވައިގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ނަތީޖާފެންނާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ހދ އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްޤީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށެވެ. އެގޮތުން ހދ އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރުވެސް ގިނަ ލުއިތަކާއިއެކު ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލާފައިވަކަން ރައީސް ފާހަގަކުރެއްވިއެވެ.
ނައިވާދޫގެ ތަރައްޤީއަށްޓަކައި ކޮއްދެއްވާނެ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، ބަނދަރު ތަރައްޤީކުރުމާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށެވެ.
ހެލްތު ސެންޓަރު ތަރައްޤީކުރައްވާއިރު، ލެބޯޓްރީގެ ޚިދުމަތާއިއެކު އެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އޭގެ ކުރިންވެސް އެރަށަށް އެމްބިއުލާންސެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މަގުހެދުމާއި، ވަޞީލަތް ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހެދުމާއި، ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޖެންސެޓެއް ހޯއްދަވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.



