ބަނގުރާ ކޭސްތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފަސަލު ރަޙްމާން މަޓުމަލް ، އިންޑިއާ (28އ) އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕަކަށް ފުލުހުން އަތުން އިޝާރާތްކޮށް އަދި ބަރުގޮނު އަޅައިގެން ވެސް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި އަދި ޒިގްޒެކްކޮށް އެކި މަގުތަކުން ދުއްވާފައިވާ ކަމަށެވެ.
އެހެންކަމުން ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި ޕިކަޕު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަދި އެ ޕިކަޕު ބަލައިފާސްކޮށްފައިވެއެވެ.
ފުލުުހުން ބުނީ ޕިކަޕު ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



