ހދ. ނެއްލައިދޫ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނެއްލައިދޫއަށް އެ މަނިކުފާނު ވަޑައިގަތުމުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު (ރިޓަޔަރޑް) އެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.
މިއީ އެމްޓީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 58.19 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން، 3086 މީޓަރުގެ ދިގު މަގެއްގައި، 15,265 މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކުރާނެއެވެ. އަދި 3,406 މީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢުއަކީ 720 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.



