ހދ. ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނާގޯށި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ރަސްމިއްޔާތުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއަރމަން އަބްދުﷲ ފާއިޒުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް އަދި ޗެއަރމަން އަހުމަދު އަލީ ހަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ހދ. ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވި ގޮތުގައި، އެމްޓީޑީސީއާ ހަވާލުކޮށްފައިވާ ނާގޯށީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސަވާފައިވާ ކަމަށާއި، މަޝްރޫޢު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ނާގޯށީގެ ތާރީޚަށް ބަލާއިރު، 2006 ވަނަ އަހަރު އެމްޓީޑީސީއަށް ހަވާލުކުރެވުނު މި ރަށް، ފުރަތަމަ ސަބްލީޒް ކުރެވުނީ ރަޝިއާގެ ތްރީކް ކުންފުންޏަށެވެ. ނަމަވެސް އެ ކުންފުނިން މަޝްރޫޢު ކުރިއަށް ނުގެންދެވުމާ ގުޅިގެން، 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން ރަށް ވަނީ ނެގިފައެވެ. އޭގެފަހުން 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދެވުނު ނަމަވެސް، ތިން އަހަރު ވަންދެން އެއްވެސް މަސައްކަތެއް ނުކުރެވުމާ ގުޅިގެން އެ އެގްރިމެންޓްވެސް ވަނީ އުވާލެވިފައެވެ.
މިހާރު މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، މާލީ ވުޒާރާއިން ވަނީ އެމްޓީޑީސީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މި މަޝްރޫޢުގެ ފައިނޭންސިންގ ހަމަޖައްސަވާފައެވެ.



