’މަޢުރިފާ’ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ބާއްވާ ފޮތް މަޢުރަޒު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަޢުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
އެ މައުރަޒުގެ މައުޟޫއަކީ ’ފޮތްތެރިކަން – ބުއްދީގެ ކާނާ‘ އެވެ.
މި މައުރަޒުގައި ތަފާތު އެކި ވައްތަރުތަކުގެ ފޮތްތައް ހިމެނޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަޢުރަޒުގެ މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އަދި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުންވެސް އެއީ މި މައުރަޒުގެ މަގުސަދެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މައުރަޒުން ޖާގަ ދީފައި ވަނީ އެކަމަށް އެދި ހުޅުވާލި ފުރުސަތުގައި އެންމެން ކުރިން ފޯމު ހުށައެޅި ފަރާތްތަކުގެ ތަރުތީބުންނެވެ.



