ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. ނޭކުރެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ނޭކުރެންދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބަނދަރު އިތުރަށް ބޮޑުކޮށްދެއްވައި، ބަނދަރުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށްދެއްވުމަށާއި ރަށުގެ ފެނާއިނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުން ހިމެނެއެވެ.
އަދި ސްކޫލްގެ މަރާމާތާއި ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، މަލްޓިޕަރޕަސް ހޯލެއް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ހަމައެހެންމެ ނޭކުރެންދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާއި ރަށުގެ ކަނޑޫފާ ހަލާކުވަމުންދާތީ އެކަމަށް ޙައްލެއް ހޯދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ކައުންސިލްގެ ފަރާތުން ފާޅުކުރެއްވިއެވެ.
މިއާއެކު ރަށުގެ ކުނީގެ މައްސަލަ ޙައްލު ކުރުމަށް ރަށުގައި ޒަމާނީ ފެންވަރުގައި ކުނި މެނޭޖްކުރާ ސެންޓަރެއް ގާއިމުކޮށްދެއްވުމަށްވެސް އެ ބޭފުޅުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ، ރަށު އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށާއި ރަށުގައި އޮޑި އެހެލާ ސަރަހައްދެއް ހައްދަވައިދެއްވުމުގެ އިތުރުން ރަށުގައި މޫދަށް އެރިލާނެ ސަރަހައްދެއް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މިގޮތުން އެ ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ނޭކުރެންދޫގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



