ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ކިޔަވައިދެމުންދާ ޞަލާހުއްދީން ސްކޫލާއި ”ޝަހީދު އަލީ“ ސްކޫލާއެކު ކުރިއަށް އޮތް 2 އަހަރުވެސް ޖާގައިގެ ދަތިކަމެއް ނެތި ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ.
މިނިސްޓްރީގެ ފަރާތުން މިކަން ހާމަކޮށްފައި ވަނީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ހިއްސާކުރަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސަޢީދު މުޙައްމަދު އެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ޝަހީދު އަލީ ސްކޫލަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި 600 އަށްވުރެ ގިނަ ކުދިން ޝައުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.
”ފޭސް 2 ގައި މިހާރު ދިރިއުޅެމުންދާ ހުރިހާ ބެލެނިވެރިންނަށްވެސް ދަންނަވާލަން ބޭނުންވަނީ ސަލާހުއްދީންއާއި ޝަހީދު އަލީ މި ދެ ސްކޫލް ވީމާ މި ފެށޭ ދިރާސީ އަހަރު އަދި 2027 އަށްވެސް ޖާގައިގެ ދަތިކަމެއް ނެތި ދަރިވަރުންނަށް ޖާގަތައް މަގުފަހިކޮށްދެވޭނެ“ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު ވިދާޅުވިއެވެ.
މި ސްކޫލަކީ ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ޢިމާރާތް ކުރާ ސްކޫލެކެވެ.
މި ސަރުކާރުގެ އެންމެ ފުރަތަމަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު އަކީ ތަޢުލީމީ ބިނާއެއް ކަމުގައި ހެދުމަށްޓަކައި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ބިންގާ އެޅި މި ސްކޫލަކީ 1500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހުންނާނެއެވެ.
މި ސްކޫލަށް ނަން ދީފައި ވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) – ޢަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ.




