ހއ. އިހަވަންދޫގައި ކުރިއަށްގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާ ގުޅޭ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ކުރިއަށްގެންދާ ”އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ“ ތަމްރީނު ޕްރޮގްރާމު 2025 އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން 2025 އޮގަސްޓް 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔައީ ހއ. އިހަވަންދޫގައި ކަމަށެވެ.
ޖުމްލަ 12 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، މަހުން ތައްޔާރުކުރާ އަގު އެއްކުރި ބާވަތްތަކާ ގުޅޭ މަޢުލޫމާތު ދިނުމާއި، އަމަލީ ގޮތުން އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ވިޔަފާރީގެ އުޞޫލުން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ.




