މި ސަރުކާރުން ނޫސްވެރިން ބިކަކޮށެއް ނުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި ވަނީ މީޑިއާ ބިލާއި ގުޅޭގޮތުން ނޫސްވެރިން ނުރުހުން ފާޅުކުރަމުންދާތީ އެކަމާއި ގުޅިގެންނެވެ.
އެގޮތުން މިކަމަށް އިޝާރާތްކުރައްވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސްގައި“ ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު އައިފަހުން މަސައްކަތުގެ ދާއިރާއިން އެންމެ ހިތްހަމަ ޖެހިގެން އުޅޭ ބަޔަކީ ދިވެހި ނޫސްވެރިން ކަމަށެވެ.
އަދި ގްރީން ޒޯނުގައި ނޫސްވެރިންނަށް ޚާއްޞަ ކުރެވިގެން ފިނި މައިޒާނެއް ހެދިފައިވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
”އެ މައިޒާނުގައި ތިއްބަވައިގެން ލިޔެވޭ،ހިޔާލު ފައުޅުކޮށް އަޑު އުފުލޭ،އަދި ލައިވް އިންޓަވިއުތައް ވަޒީރުންނާއި އެހެނިހެން ބޭފުޅުންނާ ކުރެވޭ. ނަމަވެސް މީގެ ކުރީގެ ސަރުކާރުތައް ހިނގި ދުވަސްވަރު ދިވެހި ނޫސްވެރިން މިސަރަހައްދަށް (ޚާއްޞަކޮށް ގްރީން ޒޯނަށް)ވަދެ ޚިޔާލު ފައުޅު ކުރަން ފެށުމުން އެ ނޫސްވެރިންނަށް މަރުޙަބާ ދަންނަވަނީ ޕެޕަރ ސްޕްރޭ ފުޅިތައް“ ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ޝުޖާއު ވިދާޅުވީ ނޫސްވެރިން ގެއަށްގޮސް ފެންވެރުމުގެ ބަދަލުގައި ސަލާމަތީ ބާރުތަކުން އެބައިމީހުން ދުރަށް ޖެއްސުމަށް ޖަހާ ޕްރެޝަރ ފެނުން އެ މީހުން ފެންވަރުވާ ހަދާ ކަމަށެވެ.
މީގެ އިތުރުން ޝުޖާއު ވަނީ މި ސަރުކާރުން ނޫސްވެރިން ބިކަކޮށް ނުލާނެ ކަމަށާއި ”ހަޤީޤީ ޚަބަރު ތައްމިނަށް ހުޅުވިގެން ލިޔެވޭނެ“ މާހައުލު ފަހިވެފަ އޮންނާނެ ކަމަށް ވިދާޅުވެފައެވެ.




