ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)އަށް ދިވެހި، އަރަބި އަދި އިނގެރޭސި ބަހުގެ ފޮތް ހަދިޔާކުރުމަށް ހުޅުވާލައިފިއެވެ.
ފޮތް ހަދިޔާކުރާ ކުރާ ހަފްތާ ފާހަގަކުރުމުގެ ގޮތުން އެމް.އެން.ޔޫގައި މިއަދުން ފެށިގެން ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި، އަރަބި އަދި އިނގެރޭސި ބަހުގެ ފޮތް ހަދިޔާކުރުމަށް ވަނީ ހުޅުވާލާފައެވެ.
އެމްއެންޔޫ އިން ބުނީ މިއީ، ބޭނުން ނުކުރާ ފޮތްތަށް އުކާލުމުގެ ބަދަލުގައި، އެ ފޮތްތަށް ހަދިޔާކޮށް، މަޢުލުމާތު މުއްސަނދިކުރުމާއި ޢިލްމީ ދިރާސާކުރުމާއި ޢިލްމު އުނގެނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަފާތު މަޢުލޫތަކާއި ގުޅޭގޮތުން ޢިލްމު ހާޞިލުކުރުމުގެ މަގުފަހިކޮށްދިނުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ފޮތް ހަދިޔާ ކުރާ ހަފްތާގެ ހަރަކާތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ފޮތްތަކަކީ ދިރިއުޅުމުގައި ބާރުގަދަ އެކުވެރިއެއްކަމަށެވެ.
އަދި ފޮތްތަކުން ވަރަށް ގިނަ ގުނަކަންކަމަށް މީހާގެ ލޯ ހުޅުވޭ ކަމަށާއި ފޮތް ކިޔާ މިންވަރަކުން ކަންކަން އެނގި ހާމަވެގެންދާ ކަމަށެވެ.




