ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
އެ ބައްދަލުވުމަކީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއި ގުޅޭގޮތުން، ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމަށް އެ އެސޯސިއޭޝަނުން އެދިވަޑައިގަތުމާއި ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާ، މި ސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.
އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.




