މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިއެވެ.
މިފްކޯއިން ފުވައްމުލައް ސިޓީން މަސް ގަންނަން ފަށާފައިވާ ކަން ހާމަކޮށްފައި ވަނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި މިފްކޯއިން ބުނީ ފުވައްމުލަކަށް މިދިޔަ މަހު މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ކުރެއްވި ދަތުރުގައި ރައްޔިތުންނަށް ވައުދުވީ ފަދައިން، މިފްކޯގެ ބޯޓު މިދިޔަ މި މަހުގެ 28 ގައި ފުވައްމުލަކުގައި ބަނދަރު ކޮށްފައިވާ ކަމަށެވެ.
އަދި އޮގަސްޓު 30 އިން ފެށިގެން އެ ކުންފުނިން ފުވައްމުލަކުން މަސް ގަންނަން ފަށާއިފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މީގެ ފަހުން ފުވައްމުލަކުން ދާއިމީކޮށް މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން ފުވައްމުލައް ސިޓީން މަސް ގަންނަން ފަށާފައިވާއިރު، ފުވައްމުލަށް ސިޓީގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ އެ ތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.
ފުވައްމުލަކުގައި ގާއިމް ކުރާ މަސް ޕްރޮސެސްކުރާ މަރުކަޒު ނިމުމުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
ފުވައްމުލަކުގެ އިތުރުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.




