ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފުލުހުންގެ އަގު ވަޒަންކޮށްފިއެވެ.
އެ ބޭފުޅުންގެ އަގު ވަޒަން ކޮށްފައި ވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިހުސާންއެވެ.
އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައެވެ.
އޭގެ ތެރޭގައި ފުލުހުންގެ ޚިދުމަތުގައި 35 އަހަރު، 30 އަަހަރު، 25 އަހަރު އަދި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައިވެއެވެ. މި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިހުސާންއެވެ.
އެ ރަސްމިިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މިއަދު ފާހަގަކުރާ ފުލުހުންގެ ޚިދުމަތު ދުވަހަކީ 2004 ވަނަ އަހަރު ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށި ދުވަހެވެ.
މިގޮތުން މި އަހަރު ފާހަގަކުރަމުންދަނީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭތާ 21 ވަނަ އަހަރެވެ.



