އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ލަސްނުކޮށް ފަރުވާދިނުމަށް އިސްކަންދޭންޖޭހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ”އެމްބްރޭސިންގ ވެލްނަސް: އަ ހޯލިސްޓިކް އެންޑް އެވިޑެންސް ބޭސްޑް އެޕްރޯޗް ޓު އަންޑަރސްޓޭންޑިންގ އެންޑޯމެޓްރިއޯސިސް އިން ލައިޓް އޮފް ކަރަންޓް ރީސަރޗް“ ގެ ނަމުގައި، ސޮސައިޓީ އޮފް އޮބްސްޓެޓްރީޝަންސް އެންޑް ގައިނަކޮލޮޖިސްޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތިންވަނަ އެޕިސޯޑު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފަރުވާދިނުމުގައި ހުރި ފުރުޞަތުތަކާއި، ބަލި ދެނެގަތުމުގެ އުކުޅުތަކާއި، އެންމެ ފަހުގެ ދިރާސާތަކާމެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިޚުތިޔާރެއް ނޫން ކަމަށާއި، އެއީ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އެންޑޯމެޓްރިއޯސިސް ބަލި ތަހައްމަލުކުރަމުންދާ އަންހެނުންގެ ވިލުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެފަދަ އަންހެނުން ފަންނީ އަދި ގެވެށި ޒިންމާތައް އަދާކުރަމުންދަނީ ހަމަހިމޭންކަމާއެކު އިންތިހާ ވޭން ތަހައްމަލުކުރަމުންކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
އެންޑޯމެޓްރިއޯސިސް ދެނެނުގަނެވުމާއި، މައްސަރުކަންތަކާ ގުޅިގެން އޮންނަ ތަޢައްޞަބުތަކުގެ މައްޗަށްވެސް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.
ދުރާލައި ބަލި ދެނެގަނެވުމާއި، އޯގާތެރިކަމާއެކު ފަރުވާދިނުމާއި، މުޖުތަމަޢު ހަރަކާތްތެރިކުރުވުމުގެ މުހިންމުކަންވެސް އެ ކަމަނާ ފާހާގަކުރެއްވިއެވެ.
ގުޅުންހުރި ސިޔާސަތުތަކަށް ގެނެވިފައިވާ އިސްލާޙުތަކަށް މަރުޙަބާ ވިދާޅުވަމުން އެކަމަނާ ވަނީ، އެންޑޯމެޓްރިއޯސިސް އާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމަށް ދޭ ފަރުވާ އާސަންދައިގައި ހިމެނުއްވުމަކީ، ހަމަހަމަގޮތެއްގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެކަމަނާ ވަނީ، މި މަސައްކަތުބައްދަލުވުމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، މައްސަރުކަންތަކާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
އަދި އެކަމަނާ ވަނީ، ޤައުމީ ފެންވަރެއްގައި ކަމުގެ މާހިރުންގެ މެދުގައި ގުޅުން ޤާއިމުކުރެއްވުމަށް ކުރައްވާ މަސައްކަތަށާއި، ޝާމިލުގޮތެއްގައި ފަރުވާދިނުމަށާއި ޢިލްމު ހިއްސާކުރެއްވުމަށް އެސް.އޯ.ޖީ.އެމުން ކުރައްވާ މަސައްކަތަށް ތައުރީފުކުރައްވާފައެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، އެންޑޯމެޓްރިއޯސިސްއާ ގުޅޭގޮތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށާއި، އަންހެނުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އަޑުއުފުލުމުގައި ސާބިތުވެ ތިއްބެވުމަށް، ކަމާގުޅޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވަމުންނެވެ.
މިއަދު ނިމުނު މަސައްކަތު ބައްދަލުވުން ވާން ޖެހޭނީ ހަމަ އެކަނި މަޝްވަރާ ކުރުމުގެ މަންސައަކަށް ނޫންކަމަށާއި، އެ ބައްދަލުވުން ވާންޖެހޭނީ ޞިއްޙީ ނިޒާމު އިސްލާޙުކުރުމަށް ލިބޭ ހިތްވަރަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.




