ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތެއް އަޅަން މިއަދު ބިން ހަވާލުކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ލޮޓް ނަމްބަރު 22221 ގައި އަޅުމަށް ހަމަޖެހިފައިވާ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
އެ މިސްކިތުގެ ބިމުގެ ސައިޒަކީ 27920ސްކޮޔާ ފޫޓެވެ.
ހުޅުމާލެ ލޮޓް ނަމްބަރު 22242 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތަކީވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތުގެ ބިމުގެ ސައިޒަކީ 20720 ސްކޮޔާ ފޫޓު ކަމަށެވެ.



