ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ އުފާވެރި ރައްކާތެރި މުޖުތަމަޢުއެއް ކުޑަކުދިންނަށް ހޯދައިދިނުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ(އެފްޕީއޭ) އާއި ޔުނިސެފް ގުޅިގެން ”އުދުހިލަން“ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ އެފްޕީއޭގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް އާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑްވަޑް އަޑާއީއެވެ.
އެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްޕީއޭގެ ސީއީއޯ ޝިރާނީ ނައީމް ވިދާޅުވީ މި ކެމްޕެއިންގައި އެކި އުމުރުފުރާތަކަށް ޚާއްސަކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށެވެ.
އެގޮތުން މި ކެމްޕެއިންގެ މަޤުސަދަކީ ކުޑަކުދިންނަށް ދޭންވާ އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ ވިލުންތެރި މުޖުތަމަޢުއެއް ބިނާ ކުރުން ކަމަށް ޝިރާނީ ވިދާޅުވިއެވެ.
އަދި އެފަދަ މައްސަލަތައް ދެނެގަނެ ރައްކާތެރިކަން ފޯރުކޮށްދިނުން އެ ކެމްޕެއިންގެ މަގްސަދުގެތެރޭގައި ހިމެނޭ ކަމަށް ޝިރާނީ ވިދާޅުވިއެވެ.
މީގެ އިތުރުން ޝިރާނީ ފާހަގަކުރެއްވި ގޮތުގައި އެފްޕީއޭއަށް ހުށައަޅާ ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކަށް ބަލާލާއިރު މިދިޔަ އަހަރު ކުޑަކުދިންނަށް ދިމާވާ އަނިޔާގެ 315 މައްސަލަ ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ޖިސްމާނީ، ނަފްސާނީ، ބަހުގެ އަދި ޖިންސީ އަނިޔާގެ މައްސަލަ ހިމެނޭ ކަމަށް ޝިރާނީ ވިދާޅުވިއެވެ.




