މިދިޔަ މަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެ އިދާރާއަށް ވަނީ ވައްކަމުގެ 304 މައްސަލަ ހުށަހަޅާފައެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވާ ޓްރެފިކް އެކްސިޑެންޓްގެ 236 މައްސަލަ ހުށަހަޅާފައި ވާއިރު މަސްތުވާތަކެއްޗާ ގުޅޭ 187 މައްސަލަ އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.
އަދި އެއްޗެހި ގެއްލިގެން 90 މައްސަލަ ހުށަހަޅާފައި ވާއިރު، އަނިޔާގެ 45 މައްސަލަ ވަނީ ހުށަހަޅާފައެވެ.
ހަމައެހެންމެ މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލައާއި ފޭރުމުގެ 23 މައްސަލަ ވަނީ މިދިޔަ މަހު ހުށަހަޅާފައެވެ.
މީގެ އިތުރުން ގެވެށި އަނިޔާގެ 22 މައްސަލަ އާއި، ޚިޔާނަތުގެ 22 މައްސަލަ އާއި، ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލަ އާއި ފޯޖް ކުރުމުގެ 11 މައްސަލަ ވަނީ މިދިޔަ އޮގަސްޓުމަހު ފުލުހަށް ހުށަހަޅާފައެވެ.



