އިސްރަށްވެހިންނަށް އަތްތެރި މަސައްކަތް ދަސްކޮށްދޭ ކްރާފްޓް ކްލާހެއް ފަށައިފިއެވެ.
އާއިލީ ތަރައްޤީއާބެހޭ މިނިސްޓްރީން ބުނީ މިއީ އިސްރަށްވެހިންގެ ނާދީއާއި ދަ ގިފްޓް ބާސްކެޓް ގުޅިގެން، އިސްރަށްވެހިންނަށް އަތްތެރި މަސައްކަތް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ކުލާހެއް ކަމަށެވެ.
މާލެ އިސްރަށްވެހިންގެ ނާދީގައި މި ކުލާސްތައް ކޮންމެ ބުރާސްފަތި ދުވަހެއްގެ މެންދުރު 14:00 އިން ހަވީރު 16:00 އަށް ކުރިއަށްދާނެއެވެ.
މި ކުލާހުގައި އިސްރަށްވެހިންނަށް ފެލްޓް ބޭނުން ކޮށްގެން ކުދި ކުދި ކުޅޭ އެއްޗެހި ތައްޔާރުކުރުމަށް ދަސްކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ
އުފާވެރި މާޙައުލެއްގައި އަތްތެރި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ އެ ކްލާސް ނަގައިދެނީ ޔުމްނާ ރަޝީދު ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.




