ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ތަކެތި ހޯދާފައި ވަނީ ތުޅާދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅު ތަކެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގުރާމު ކަމަށާއި މި ތަކެތި ފެނިފައި ވަނީ ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



