ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލަރައިޒޭޝަން ކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ބިދޭސީން ރެގިއުލަރައިޒޭޝަން ކުރުމަށް ފަށަން ނިންމާފައިވާ މާސް ޕްރޮގްރާމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މީހާއަށް ސިސްޓަމްގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
”ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ އެއީ ކޮންމެ ހާލަތެއްގައި ހުރި މީހެއްކަމުގައި ވިޔަސް، މިސާލެއްގެ ގޮތުން އެ މީހާއަކީ ޑޮކިއުމެންޓްތައް ހަމައަށް ނެތް މީހަކަސް ނުވަތަ ފިލައިގެން އުޅޭ މީހަކަށްވިޔަސް އަދި އެ ނޫންވެސް ހާލަތެއްގައި ހުރި މީހަކަސް އެ ފަރާތަކަށް ލިބިގެންދާނެ ސިސްޓަމްގެ ތެރެއަށް ވަނުމުގެ ފުރުސަތު“ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ގިނަ ފަރާތްތަކެއް މިހާރުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރު ވަނީ ޤަވާއިދުގެ ތެރެއަށް ބިދޭސީން ވަނުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
“ މި ކަމަށް މަދުވެގެން 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެ“ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ ރެގިއުލޭޓްކުރުމަށްޓަކާ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 2ވަނަ ދުވަހުއެވެ.




