2 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރަން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އިން ވ. ތިނަދޫ އާއި ވ. ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށެވެ.
އެގޮތުން މިނިސްޓްރީން މިއަދު ވަނީ މި މަސައްކަތުގެ ކޮންޓްރެކްޓަރާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
އެ ދެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައި ވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
މި ދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 3,835,321.49ރ (ތިންމިލިއަން އަށްލައްކަ ތިރީސްފަސްހާސް ތިންސތޭކަ އެކާވީށް ރުފިޔާ ސާޅީސްނުވަ ލާރި) އެވެ.
ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަހްމަދު ނިޒާމެވެ.
އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިންނެވެ.
މި ދެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރި ނަމަވެސް ކުނި މެނޭޖްކުރުމަށް މި ރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީން ވަނީ މީގެ ކުރިން އެ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ.
މިގޮތުން މީގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްޔާ މެޝިނާއި ވުޑް ޗިޕަރ ހިމެނޭކަމުގައި މިނިސްޓްރީން ބުނެފައި ވެއެވެ.




