އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ފަށަން ހަމަޖެހިއްޖެއެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެ ކޭމްޕް ކުރިއަށްދާނީ މި މަހުގެ 6 އިން 8 އާ ހަމައަށެވެ.
މިއީ ރައްޔިތުންނާ ގާތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ސަރުކާރުން ގުޅިގެން ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުން ކުރިއަށްދާ ކޭމްޕެކެވެ.
އެގޮތުން މި ކޭމްޕްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި ރާއްޖޭގެ ތަޖުރިބާކާރު އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެއެވެ. އެ ޓީމްގައި 8 ޑޮކްޓަރުން ހިމެނެއެވެ.
އޭގެ ތެރޭގައި ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ގޮހޮރު، ކެންސަރު، ކުޑަކަމުދާ ނިޒާމު، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އަދި ލެޕްރޮސްކޮޕިކް، ހޭނެއްތުމާ، ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ ޚާއްސަ ޑޮކްޓަރުން ހިމެނެއެވެ.
އެ ކޭމްޕްގައި އޮޕަރޭޝަންތަކުގެ އިތުރުން އޯޕީޑީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު ބަލިމީހުން ބެލުމަށްފަހު ޑޮކްޓަރުން ނިންމާ ގޮތަށް، ހުކުރު، ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު އެކިއެކި ސަރޖަރީތައް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.




