ކީރިތި ރަސޫލާދެކެ ލޯބިވުމަކީ އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ރަސޫލާ ދެކެ ލޯބި ވުން“ މި ނަމުގައި މިއަދު ދިން ހުކުރު ޚުޠުބާގައި ވަނީ ޖިންނީންނާއި އިންސީންނަށް ތެދުމަގުދެއްކެވުމަށްޓަކައި މާތް اللَّه ފޮނުއްވެވި ރަސޫލާދެކެ ލޯބިވުމަކީ، ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަމެއް ކަމަށާއި އެއީ މާތް اللَّه އަމުރުކުރައްވައިފައިވާ ކަމެއް ކަމަށް ބުނެފައެވެ.
“ އެއީ އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނުއަނދިރީގައެވެ. އަނިޔާއާއި ބޭއިންސާފުން ފުރިފައެވެ. ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައެވެ. މީސްތަކުން ތިބީ، އެކި ފަންތިތަކަކަށް ބަހައިފައެވެ. ޤަދަރުވެރީންނާއި ނިކަމެތީންނެވެ. ސާހިބުންނާއި އަޅުންނެވެ. ރިބާކެއުމާއި، ބުދަށް އަޅުކަންކުރުމާއި، ޣައިބު ދަންނަކަމަށް ދަޢުވާކުރުން އޮތީ އިންތިހާއަށެވެ.“ ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން އޭރުގެ މުޖުތަމަޢުގައި އަންހެނުންނަށް އެއްވެސް މަޤާމެއް އަގެއް ނެތް ކަމަށާއި ވާރުތައިން ލިބޭ ހިއްސާއެއް ނޯންނަ ކަމަށާއި ނަމަވެސް އަންހެނަކު މަރުވެއްޖެ ނަމަ، އޭނާގެ މުދާ އެހެންމީހުންނަށް ވާރުތައިން ލިބޭ ކަމަށެވެ.
އިސްލާމް ދީން އައުމުގެ ކުރީން، އަންހެންދަރީން ދިރިތިއްބައި ވަޅުލުމަކީ ވެސް ޢަރަބީންގެ ތެރޭގައި ހިނގި ކަމެއް ކަމަށާއި އެ ފަދަ އެތައް ސަބަބަކާ ހުރެ، މީސްތަކުން ތިބީ ހިދާޔަތުގެ އަލިކަމަކަށް އެދިއެދި ކަމަށާއި ތެދުމަގު ހޯދުމަށް ކެތްމަދުވެފައި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
މީސްތަކުން މިފަދަ ޙާލެއްގައި ވަނިކޮށް، މާތް اللَّه މީސްތަކުންގެ މައްޗަށް ދަރުމަވެރިވެވޮޑިގެން ތެދުމަގާއިގެން ފޮނުއްވި ބޭކަލަކީ، ކީރިތި ރަސޫލާ ކަމަށާއި އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފާއި ހަމަހަމަކަން އޮތް ކަމަށެވެ.
އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވި ކަމަށާއި ހަތުރުން މިތުރުންނަށްވި ކަމަށާއި ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ފަހިވި ކަމަށާއި ކީރިތި ރަސޫލާދެކެ ލޯބިވާން ޖެހެނީ މި ސަބަބުތަކަށް ޓަކައި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ! އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ގަދައަޑުން ވާހަކަދައްކާ ފަދައިން، އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ.“ މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ މިއަދު އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ ޝަޚުޞިއްޔަތާއި، ސުންނަތް ދިފާޢުކުރުމާއި، ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި، އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ޚުޠުބާގައި ވަނީ ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް، މާތް اللَّهގެ ދީން ގެނެސްދެއްވި ކަމަށާއި އެ ދީން ފުރިހަމަވަނީ އެ މާތް ނަބިއްޔާގެ ސުންނަތާ ލައިގެން ކަމަށްވާތީ ކީރިތި ޤުރްއާނުގައި މާތް اللَّهގެ ފޮތާއި، ކީރިތި ރަސޫލާގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބުމަށް އަމުރުކުރައްވާފައިވާ ކަަމަށެވެ.


