އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު ”ކަނބުލޮ“ ގައި ކުޅުނު ރޯލަށް ލިބެމުންދާ ތަރުހީބާ ގުޅިގެން، ތައުރީފާއި ހިތްވަރު ދިނުމުގެ ގޮތުންގުޅާ މީހުންގެ ކޯލުތައް ގިނަކަމުން އޮބި ނޯންނަ ކަމަށް އެކްޓަރު އަހުމަދު ނިމާލު ބުނެފި އެވެ.
އާއިލާއެއްގެ ތެރެއިން ޖިންސީ ޝިކާރައަކަށްވާ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި، ތަޖުރިބާކާރު އެކްޓަރު ނިމާލު ކުޅެފައިވަނީ ރައުފު ގެ ކެރެކްޓަރެވެ.
މިއީ އަނިޔާވެރި އަދި ވަރަށް ރަހުމުކުޑަ ކެރެކްޓަރެކެވެ. މިފަދަ ބާވަތުގެ ރޯލެއް ނިމާލު ވަނީ 2010 ވަނަ އަހަރުގެ ފިލްމު ”ނިއުމާ“ ގައި ވެސް ކުޅެފައެވެ.
”މި އުޅެނީ މާލެ އާއި ރާއްޖެ ތެރެއިން އަންނަ މެސެޖްތަކާއި މީހުން ގުޅާ ވަރުން އޮބިނޯވެގެން.“ ނިމާލު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އަދި މިއީ ފިލްމެއްގައި ކުޅުނު ރޯލެއް މޮޅުވެގެން ބެލުންތެރިންގެ ކޯލުތައް އެންމެ ގިނައިން ލިބުނު ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ހުސައިން މުނައްވަރު (ކިޑް) ޑައިރެކްޓްކޮށްފައިވާ ”ކަނބުލޮ“ ފިލްމުގައި މަރިޔަމް އައްޒަ، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، ވާޝިޔާ މުހައްމަދު، އަހުމަދު އީސަ (އާނަންދު)، ޝީލާ ނަޖީބު އަދި މަރިޔަމް ޝަކީލާ ފަދަ މަޝްހޫރު ތަރިން ފެނިގެންދެއެވެ.
މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. މިއީ 2009 ވަނަ އަހަރުގެ ގައުމީ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއްވަނަ ހޯދި ”ޔުކްތާ“ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ޕްރިމިއާކުރި މި ފިލްމަށް ބެލުންތެރިންގެ ފަރާތުން މިހާ ބޮޑު ތަރުހީބެއް ލިބެމުންދަނީ މުޅި ޓީމުގެ މަސައްކަތް ރަނގަޅުކަމަށް ނިމާލު ފާހަގަކޮށްފައިވެއެވެ.



